ތަޢާރަފް

ފެލިދެއަތޮޅު ކެޔޮދޫ އަކީ އިރުމަތީ ބިތުގައި ތޫލުން 733257 އާއި އަރުޟުން 302745 ގައި އޮންނަ އަތޮޅުގައި މީހުން ދިރިއުޅޭ04 ވަނަރަށެވެ. ރަށުގެ ބޮޑުމިނަކީ 7.3 ހެކްޓަރެވެ. ރަށުގެ އާބާދީ އަކީ887  (ފިރިހެން 452 އަންހެން 435) އެވެ. ރަށުގެ މީހުން އާންމުދަނީ ހޯދުމަށް ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެތެރޭގައި ޓޫރިޒަމްގެ މަސައްކަތާއި މަސްވެރިކަމުގެ މަސައްކަތްހިމެނެއެވެ.

މި ރަށަކީ، ހިތްހެޔޮކަމަށާއި މެހުމާންދާރީ އަދާކުރުމުގައި ޒަމާނުއްސުރެވެސް މުޅި ރާއްޖެއަށް މަޝްހޫރު ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ. އަދިއެކަކު އަނެކަކަށް އެހީވުމުގައި ނަމޫނާ ރަށެކެވެ. މިރަށު ރައްޔިތުންގެ ދިރިއުޅުން މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ، މަސްވެރިކަމާއި ފަތުރުވެރިކަމުން ލިބޭ ޢާއްމުދަނީގެ މައްޗަށެވެ. ރަށުގެ ގިނަ ބަޔަކު މަސްވެރިކަމާއި ޓުއަރިޒަމް ދާއިރާގައި ޙަރަކާތްތެރިވަމުންދެއެވެ.

 

ކެޔޮދޫ ކައުންސިލުންދޭ ކައުންސިލުންދޭ ޚިދުމަތްތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކެޔޮދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށްވަނީ ލާޒިމްކޮށްފައިވެއެވެ. މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖުތިމާޢީ އެކިއެކި ތަންތަނާއި ސަރަހައްދުތައް ބެލެހެއްޓުމާއި އެހެން މުޢައްސަކާތަކަށް އެހީތެރިވުން ހިމެނެއެވެ.

އަދި ރަށް ތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލައި އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަކީ ކައުންސިލްގެ ޒިންމާއެކެވެ.

އަދި ހަމައެއާއިއެކު ރަށުގެ ރަށްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭގޮތުން ރަށްވެހިކަމުގެ އެހެނިހެން ތަފާތު 25 ޚިދުމަތެއް ލާމަރުކަޒީ ޤާނޫނުން ކައުންސިލާއި ހަވާލުކޮށްފައިވެއެވެ.

ލޯކަލް ގަވަމެންޓް ގާނޫނާއި ދައުލަތުގެ ފައިސާއާއި މުދާ ބެލެހެއްޓުމުގެ ޤާނޫނާއި އަދިވެސް ދައުލަތުގެ މުދަލާއި ފައިސާއާއި ބެހޭ އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ރަށުގެ ފައިސާގެ ކަންކަން ހިންގާ ބެލެހެއްޓުމާއި ފައިސާގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ މުޢައްސަސާތަކަށް ޖަވާބުދާރީވުމަކީ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ.

ކައުންސިލުގެ ތަރައްޤީގެ ޕްލޭނުން ޙާޞިލްވާ މިންވަރު ރައްޔިތުންނަށް ޙިއްޞާ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓާއި ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްޞާކޮށް ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ.

 

އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް

ވ.ކެޔޮދޫ ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު 2 ޔުނިޓަކަށެވެ. އެއީ ކޯޕަރޭޓް އެފެއާޒް ޔުނިޓް އަދި އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މައިގަނޑު މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ.